ސިނާން އެގްރޯނެޓްގެ އެމްޑީކަމަށް، ޗެއަރމަންކަމަށް އަނަސް

ސިނާން އެގްރޯނެޓްގެ އެމްޑީކަމަށް، ޗެއަރމަންކަމަށް އަނަސް

Author
އަހުމަދު
06 އޮކްޓޯބަރ 2026 12:30
0

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ގެއްލުނު މުހައްމަދު ސިނާން (ސިނާ)، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަންކޮށްފިއެވެ. މި އައްޔަނުކުރުމަކީ އެގްރޯނެޓް، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މައިފްކޯ)ގެ ސަބްސިޑިއަރީއަކަށް ބަދަލުކުރުމާއެކު ކުރި ކަމެކެވެ.

ސަރުކާރުގެ ނިންމުމާ އެއްގޮތަށް އެގްރޯނެޓް މައިފްކޯގެ ދަށަށް ގެނައުމުން، ކުންފުނީގެ ޗެއަރމަންކަމަށް މައިފްކޯގެ ސީއީއޯ މުހައްމަދު އަނަސް ހަވާލުކުރިއެވެ. އެގްރޯނެޓްގެ މަސައްކަތްތައް ރަނގަޅުކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރާނެކަމަށް މައިފްކޯއިން ބުނެއެވެ.

ސިނާނަށް މި މަގާމު ލިބުނީ، މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދައްކާ ހުރިކަމަށް ކަނޑައަޅައި، މިއަހަރު ކުރީކޮޅު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން އޭނާގެ މަޖިލިސް ގޮނޑި ގެއްލުމަށް ފަހުއެވެ.

އެ ދާއިރާގެ ބައި އިންތިޚާބަށް ވެރި ޕީއެންސީގެ ޓިކެޓް ސިނާނަށް ލިބުނު ނަމަވެސް، ފަހުން އޭނާ ވާދަކުރުމުން ފަސްޖެހިލެއްވިއެވެ. އެ ދުވަސްވަރު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕް ލީޑަރ އިބްރާހީމް ފަލާހް ބުނީ، އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށް ސިނާން ޓިކެޓް ދޫކުރެއްވި ކަމަށެވެ. ނަމަވެސް މަސްތަކެއް ފަހުން، ސިނާން އަނބުރާ ސަރުކާރު ކުންފުންޏެއްގެ އިސް މަގާމަކަށް އައިސްފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.