ރާއްޖޭގެ ހަޤީޤީ ތަރައްޤީ ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމު ކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެދޭ ބަދަލު ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމާއި ރަށްވެހި ތަރައްޤީއާ ކަމަށެވެ. އެ ނިޒާމް އެމްޕަވަރ ކުރަން އެނގޭ އެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށާއި، ބާރުތަކާއި ފައިސާ މެނޭޖް ކުރުން ރަށްރަށަށް ދޫކޮށްލަން ވިސްނަނީ އެމްޑީޕީ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދަކީ ހަމައެކަނި މާލެ ވަށައިގެން އޮތް އެއްޗެއް ކަމަށް ދެކިގެން ރާއްޖެ ތަރައްޤީ ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. ރަށްރަށުގައިވެސް ދިރިއުޅެނީ ދިވެހިން ކަމަށާއި، އަތޮޅުތަކާއި ރަށްރަށާ ގުޅިފައިވާ އިޤްތިޞާދެއް ހިންގަން ޖެހޭކަން ޤަބޫލުކުރާ ބައަކަށް މެނުވީ ރާއްޖެ ތަރައްޤީ ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް ގޮވާލައްވަމުން ޝާހިދު ވިދާޅުވީ، ޚަރަދު ކުރަންވީ ކައުންސިލުތަކަށް ކަމަށާއި، މުސާރައާއި އިނާޔަތް ބޮޑުކޮށް ކައުންސިލަރުންނާއި ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީތައް (ޑަބްލިއުޑީސީ) އެމްޕަވަރ ކުރަންވީ ކަމަށެވެ. "ސިޔާސީ ވެރިން އައިސް ގޮސްވާނެ. އޮންނާނީ ރަށާއި އަތޮޅާއި ސިޓީތައް. ދަމަހައްޓަންވީ އެ ލާމަރުކަޒީ ހިންގުން،" ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގެ ހަޤީޤީ ތަރައްޤީ ގުޅިފައިވަނީ މި ބަދަލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، އެމްޑީޕީން ގެނެސްދޭނީ ލާމަރުކަޒީ ނިޒާމް އޭގެ އަސްލު މާނައިގައި ހިންގާނެ ވެރިކަމެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ