އޮޑިޓް: މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ސިސްޓަމުގެ އެއްވެސް މޮޑިއުލެއް ނުނިމޭ

އޮޑިޓް: މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ސިސްޓަމުގެ އެއްވެސް މޮޑިއުލެއް ނުނިމޭ

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 08:20
0

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއަށް އެޕްލިކޭޝަނެއް ތައްޔާރުކުރުމަށް 1,181,763 ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް، އެ އެޕް މިހާތަނަށް ތައްޔާރުވެފައި ނުވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ވުޒާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ވުޒާރާއާއި އޭގެ ދަށުގައިވާ މުއައްސަސާތަކުގެ ބޭނުމަށް ސިސްޓަމެއް ހެދުމަށް ކުންފުންޏަކާ 2021 ވަނަ އަހަރު އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ މަސައްކަތުގެ މުއްދަތު 12 ފަހަރު އިތުރުކޮށްދީ، އެންމެ ފަހުން ދިން ސުންގަޑަކީ 23 އޮކްޓޫބަރު 2022 އެވެ. އެހެން ނަމަވެސް، އެއްބަސްވުމުގައިވާ 12 މޮޑިއުލުގެ ތެރެއިން އެއްވެސް މޮޑިއުލެއް ފުރިހަމަކޮށްފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި މަސައްކަތުގެ ޕްލޭނާއި ކުރިއެރުމުގެ ރިޕޯޓުތަކާއި ޓައިމްޝީޓުތައް ފަދަ މުހިންމު ލިޔެކިޔުންތައް ވެސް ބަލަހައްޓާފައިނުވާކަމަށް ރިޕޯޓުގައި ބުނެއެވެ. ސިސްޓަމް ބޭނުންކުރަން ނުފެށޭތީ، މި ޚަރަދުން ވުޒާރާއަށް އެއްވެސް ފައިދާއެއް ނުކުރެވޭކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނިންމާފައިވެއެވެ.

މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.01 ވަނަ މާއްދާގެ (ނ) އާ ޚިލާފު ކަމެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާއިރު، މައްސަލަ ތަޙުޤީޤުކޮށް އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އޮޑިޓަރ ޖެނެރަލް އޮފީހުން އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.