ދެ ދައުލަތުގެ ހައްލަކީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނެވޭނެ މަގު: އިންޑިޔާ

ދެ ދައުލަތުގެ ހައްލަކީ މެދުއިރުމައްޗަށް ދާއިމީ ސުލްހަ ގެނެވޭނެ މަގު: އިންޑިޔާ

Author
އަހުމަދު
27 ސެޕްޓެމްބަރ 2026 09:18
0

 

ޣައްޒާގައި ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއިން މެދުއިރުމައްޗަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް ފަލަސްތީނާއި އިސްރާއީލުގެ ދެ ދައުލަތުގެ ހައްލު ލާޒިމުކަމަށް އިންޑިޔާއިން ބުނެފިއެވެ.

ނިއު ޔޯކްގައި ބާއްވަމުންދާ އދ. ގެ އާންމު މަޖިލީހުގައި ހޮނިހިރު ދުވަހު ވާހަކަފުޅު ދައްކަވަމުން އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަމް ޖައިޝަންކަރު ފާހަގަކުރެއްވީ، ސަރަހައްދުގެ ދަތި ހާލަތު އަދިވެސް ނިމުމަކަށް ނައިސް ހުރިކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އިންޑިޔާ ބައިވެރިވަމުން އަންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގަލްފުން ފެށިގެން ރަތް ކަނޑާއި ކަޅު ކަނޑާ ހަމައަށް ވިޔަފާރި އުޅަނދުފަހަރަށް ހަމަލާތައް ދެމުންދާތީ، އިންޑިޔާގެ ރައްޔިތުންގެ ފުރާނަ ވެސް ގެއްލިފައިވާކަމަށާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތް ކަށަވަރުކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތްތަކަށް އިންޑިޔާގެ ތާއީދު ލިބޭނެ ކަމަށާއި، ހާއްސަކޮށް ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަމުގައި އެހީތެރިވުމަށް ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭއައި އަކީ އިގްތިސާދީ ތަރައްގީއަށާއި ބޮޑެތި އާބާދީތަކުގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރެވޭނެ ވަސީލަތެއް ކަމަށާއި، ކޮންމެ ގައުމަކަށް ވެސް އަމިއްލަ އޭއައި މޮޑެލްތައް ތަރައްގީކުރުމުގެ ހައްގު ލިބިގެންވާކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. ދުނިޔެ ގިނަ ބާރުތަކެއް އެކުލެވޭ ނިޒާމަކަށް ބަދަލުވަމުން ދާތީ، ބައިނަލްއަގުވާމީ މުއައްސަސާތައް އިސްލާހުކުރުމުގެ ބޭނުންތެރިކަން ދުވަހުން ދުވަހަށް ބޮޑުވަމުން ދާކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.