އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ބޭނުންކުރެވޭ ހާލަތަށް އަތުވެއްޖެ

އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ބޭނުންކުރެވޭ ހާލަތަށް އަތުވެއްޖެ

Author
އަހުމަދު
24 ސެޕްޓެމްބަރ 2026 08:11
0

އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުގެ ދަށުން ރާއްޖެއަށް ދޫކުރުމަށް އެއްބަސްވި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިން އެކްޓިވްވުމާއެކު، އެ ފައިސާއިން ދަރަނި ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މަގު ފަހިވެއްޖެ އެވެ.

މި ކްރެޑިޓް ލައިނުގައި ދެ ގައުމު ސޮއިކުރީ، 2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ދަތުރުގައި، އިންޑިއާއިން ކުރިން ދީފައިވާ ލޯނުތައް އަނބުރާ ދެއްކުމުގެ ޝަރުތުތައް ލުއިކޮށްދިނުމަށް ވެސް އެއްބަސްވެފައިވެ އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި، މި ފެސިލިޓީގެ ދަށުން ފައިސާ ދޫކުރާނީ އެންމެ މަދުވެގެން 5 ބިލިއަން ރުޕީސް (ގާތްގަނޑަކަށް 52.2 މިލިއަން ޑޮލަރު)ގެ ވަކިވަކި އެއްބަސްވުންތަކުގެ ދަށުންނެވެ. މަޝްރޫއުތަކަށް ބޭނުންވާ މުދަލާއި ހިދުމަތާއި މަސައްކަތުގެ %75 ހޯދަން ޖެހޭނީ އިންޑިއާގެ ކުންފުނިތަކުން ކަމަށާއި، ބާކީ %25 އެހެން ގައުމުތަކުގެ ކުންފުނިތަކުން ހޯދިދާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި އެކްސްޕޯޓް އެޖެންސީ ކޮމިޝަން ދެއްކުމަށް މި ފައިސާ ބޭނުން ނުކުރެވޭނެ އެވެ.

މި ކްރެޑިޓް ލައިން ހުޅުވުނީ، ކުރީގެ ސަރުކާރުގެ ދައުރުގައި ބަޖެޓް އެހީގެ ގޮތުގައި އިންޑިއާގެ އެސްބީއައިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުގެ ފަހު ބައި ކަމަށްވާ 50 މިލިއަން ޑޮލަރު ސަރުކާރުން ދައްކައި ހަފްތާއަކަށް ފަހުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.