ސައުދީ އަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ކުރުނބާ ރިސޯޓުގައި ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން، އަދި ރާއްޖޭގައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުން ވެސް ބައިވެރިވި މި ހަފްލާގައި ޚާއްސަ ކޭކެއް ވެސް ފަޅާލިއެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައުދީ ސަފީރު ޔަހްޔާ ޙަސަން އަލް ޤަހްތާނީ ވިދާޅުވީ، ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ އިސްލާމީ އުޚުއްވަތްތެރިކަމާއި އިތުބާރުގެ މައްޗަށް ކަމަށާއި، އެ ގުޅުން ކުރިއަށް ގެންދިއުމަށް ސައުދީ ސަރުކާރު އަބަދުވެސް ތައްޔާރު ކަމަށެވެ. 2025 ވަނަ އަހަރުގެ ޖޫން މަހު ރައީސް މުޢިއްޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބޭއްވެވި ބައްދަލުވުމުން ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ސަފީރު ވިދާޅުވި ގޮތުގައި 1978 ވަނަ އަހަރުން ފެށިގެން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ތެރެއިން ދަތުރުފަތުރާއި، ސިއްޙަތާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަން އަދި އުމްރާނީ ދާއިރާތަކަށް ގާތްގަނޑަކަށް 488 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ލިބިފައިވެއެވެ. ދާދިފަހުން ބޭއްވުނު މޯލްޑިވްސް-ސައުދީ އިންވެސްޓްމަންޓް ފޯރަމުގެ ސަބަބުން ފަތުރުވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި، ވިޔަފާރި އަދި ޓެކްނޮލޮޖީ ދާއިރާއިން ބޮޑެތި އިންވެސްޓްމަންޓްތަކުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިފާޢީ ދާއިރާއިން، މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގެ ބާނީ މެންބަރެއްގެ ގޮތުގައި ރާއްޖެ ބައިވެރިވުމާއި، އިސްލާމިކް މިލިޓަރީ ކައުންޓަ ޓެރަރިޒަމް ކޯލިޝަންގައި ރާއްޖެއިން އަދާކުރާ ދައުރަށް ސަފީރު ތައުރީފު ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ