ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު ފަރުމާކޮށްފައި ވަނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަން ފިލުވާލެވޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ލީސް ރައިޓްސް ވިއްކައިގެން ލިބޭ ހުރިހާ އާމްދަނީއެއް ޖަމާކުރާނީ ސަރުކާރާ އެކު ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ. މިއާ އެކު، ޑޮލަރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދަށް މިހާރު އަހަރަކު ފަސް ބިލިއަން ޑޮލަރު ވަންނަ ނަމަވެސް، އޭގެ ބޮޑު ބައެއް އަނބުރާ ރާއްޖެއިން ބޭރަށް ދާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއު ފަރުމާކޮށްފައި ވަނީ އެ ފަދަ ކަމެއް ދިމާނުވާ ގޮތަށް ކަމަށެވެ. މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން 30 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށާއި، އޭގެ ފަހުން މަޝްރޫއު ހިންގައިގެން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ކުރިން ވިދާޅުވެފައި ވަނީ، ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކާ ފައިސާ ދައްކާނީ ރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތައް މެދުވެރިކޮށް ކަމަށެވެ. މީގެ އިތުރުން މި މަޝްރޫއު ކުރިއަށް ގެންދާނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ އިސްތިސްނާއެއް ނެތި، ރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ނަގާ ގޮތަށެވެ. ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭ އިރު، ފުރަތަމަ އަދި ދެ ވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުއާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ސަރުކާރަށް ލިބޭނެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އީގަލް ހިލްސް އަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށްފައިވާ، 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު އަކީ ދުނިޔޭގެ އެންމެ އުސް ބިނާ ބުރްޖް ޚަލީފާ ބިނާކުރި އިމާރް ޕްރޮޕަޓީޒްގެ ވެސް ބާނީ އެވެ.
ކޮމެންޓު ފޮނުވާ