ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޭރުގެ ދެ ތެޔޮ ބޯޓު އޮޔާދަމައިގެންގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.
މި މަހުގެ ދިހަ ވަނަ ދުވަހު ހިނގި މި ހާދިސާގައި ބޯޓުތަކުގައި ތިބި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ނުލިބޭ އިރު، ބްރިޖަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވެ އެވެ.
އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން ކަސްޓަމްސް އިން ގާނޫނާއި ގަވާއިދާއި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ، ކޮމިޝަނުން އަމިއްލަ އިސްނެގުމުގައި ބަލަމުން އަންނަ ކަމަށެވެ.
"އޭއެލް 1″ އާއި ޓޯގޯގައި ރަޖިސްޓްރީ ކޮށްފައިވާ "އެމްޓީ ކޭޖީ 1″ ނަމަކަށް ކިޔާ މި ދެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ. ފަޅުވެރިން ބުނާ ގޮތުގައި، އެ މީހުންގެ މަންޒިލަކީ އޮމާންގެ ޝިނާސް އިން އިންޑިއާގެ ކަންޑްލާ އެވެ.
ކަމާބެހޭ އެއްވެސް ފަރާތަކަށް އެންގުމަކާ ނުލައި، މާލެ ކައިރީގައި މި ދެ ބޯޓު އަޅާފައި އޮތްތާ އަށް ދުވަސް ފަހުން، ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ ކަން އައުމުން، ދެ ބޯޓު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެއަށްފަހު ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮއްވައި، ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެންގޮސް، ބޯޓުތައް ބްރިޖުގައި ޖެހުނީ އެވެ. ފަހުން މި ދެ ބޯޓު ވެސް ވަނީ މާލެ އަތޮޅުގެ އިރުން 30 ނޯޓިކަލް މޭލު ބޭރަށް އަޑިއަށް ގޮސްފަ އެވެ.
ކޮމެންޓު ފޮނުވާ