ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލޭގެ ބިޔަ މަޝްރޫއު ނިމުމުން، ހަމައެކަނި އެ ސިޓީން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ފެންވަރުގެ އިންފްރާސްޓްރަކްޗާއެއް ގާއިމުވެގެންދާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިވަގުތު މުޅި ރާއްޖޭގައި ހުރި 189 ރިޒޯޓާއި ގެސްޓް ހައުސްގެ 65،000 އެނދާއެކު ހިދުމަތް ދެވެނީ އަހަރަކު ގާތްގަނޑަކަށް 1.5 މިލިއަން ފަތުރުވެރިންނަށް ކަމަށާއި، ރަސްމާލެ މަޝްރޫއާއެކު އެ އަދަދަށް އިތުރު އެއް މިލިއަން ފަތުރުވެރިން ލިބިގެންދާނެ ކަމަށެވެ.
500 ހެކްޓަރުގެ ބިމުގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ މި ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއު ހަވާލުކޮށްފައިވަނީ ދުނިޔޭގެ 18 ގައުމެއްގައި ބޮޑެތި މެގަ ޕްރޮޖެކްޓްތައް ހިންގާ ތަޖުރިބާކާރު ކުންފުނި، ދުބާއީގެ "އީގަލް ހިލްސް"އާއެވެ. މަޝްރޫއުގެ ފުރަތަމަ މަރުހަލާގެ އެއްބަސްވުމުގައި މިހާރު ވަނީ ސޮއިކުރެވިފައެވެ. ސަރުކާރުން ބުނާ ގޮތުގައި މުޅި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާއިރު، ސީދާ ރާއްޖެއަށް 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓެއް ލިބިގެންދާނެއެވެ.
ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ލަގްޒަރީ ހޮޓާތަކާއި ރިޒޯޓްތައް، މަތީ ފަންތީގެ ރެޒިޑެންސްތަކާއި ޒަމާނީ މެރީނާއެއް، ވޯޓާފްރަންޓް ވޯކްވޭތަކާއި ވެލްނެސް ސެންޓަރުތައް، އަދި ކެފޭ، ރެސްޓޯރެންޓް، ވިޔަފާރި މަރުކަޒުތައް ގާއިމުކުރެވިގެންދާނެއެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ ޖީޑީޕީގެ ތިންގުނަ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، ގައުމުގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެނުވާނެ ތާރީހީ މަޝްރޫއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ