ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 500 މިލިއަން ޑޮލަރު ހަރަދުވާ މި ފްލެޓުތަކަކީ، ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގެ ފުރަތަމަ ކޮމިޓްމަންޓުގެ ގޮތުން އެ ކުންފުނިން އެ ކުންފުނީގެ ފައިނޭންސިންގައި ބިނާކޮށްދޭ ތަންތަން ކަމަށެވެ. މުޅި މަޝްރޫއު ކުރިއަށް އޮތް ދެ މަސް ތެރޭ ރަސްމީކޮށް ލޯންޗު ކުރެވޭނެ ކަމަށާއި، އެއާއެކު ފްލެޓުތަކުގެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޖީޑީޕީ 7.7 ބިލިއަން ޑޮލަރުގައި ހުރިއިރު، މި މަޝްރޫއަކީ އެއަށްވުރެ ތިން ގުނަ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. ރަސްމާލޭ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތަކުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ރެސްޓޯރެންޓާއި ފިހާރައާއި ދުޅަހެޔޮކަމުގެ ސެންޓަރުތައް ވެސް ގާއިމުކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ