އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ކޯޓު މަރުހަލާގައި އޮތް ދެ މައްސަލައަކީ މިހާރު "ކޮލެޕްސްވެފައި" އޮތް، ދައުލަތުން އަނބުރާ ގެންދަންޖެހޭ ހިސާބުގައި އޮތް މައްސަލަތަކެއް ކަމަށް އެމަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ފުއްގިރި މައްސަލާގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު އޮތީ ނިމިފައި ކަމަށާއި، ދައުލަތުން ހުށަހެޅި ތިން ޝަފަހީ ހެކިވެރިން ވެސް ހެކިބަސް ދިނީ އެމަނިކުފާނާ އެއްކޮޅަށް ކަމަށެވެ. އެހެންކަމުން ދައުލަތުގައި މިހާރު ވަކާލާތުކުރާނެ ކޭސްއެއް ނެތް ކަމަށާއި، މައްސަލައިގެ އުންސުރުތަކަށް ބެލިޔަސް އެ މައްސަލައަކީ އަނބުރާ ގެންދަންޖެހޭ ހިސާބުގައި އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
އާރަށު މައްސަލައާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، އެ މައްސަލާގައި ދައުލަތުން މަސައްކަތްކުރަނީ ކުރިން ދީފައި އޮތް ހެކިބަހެއް ބަދަލުކުރަން ކަމަށާއި، އެއީ ވާނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ދައުވާ ކުރިޔަށްގެންދާނެ ސަބަބެއް ނެތުމުން މައްސަލަ މުރާޖައާކޮށްދޭން ޕީޖީގައި އެދުމުން، އެކަން ނުކުރެވޭނެ ސަބަބެއް ޕީޖީއަށް ބުނެދެވިފައި ނުވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
"މައްސަލަ ކިތަންމެ ވަރަކަށް ތަހުގީގުކުރިޔަސް އެމީހުންނަކަށް މިޔަކުން ކުރިއެރުމެއް ﷲ އިރާދަކުރެއްވިއްޔާ މިންވަރެއް ނުކުރައްވާނެ. އެއީކީ ވުޖޫދުގައި ހުރި މައްސަލަތަކެއް ނޫން ނަގައިގެން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބޭފުޅުން ޖަލުގެ އިންޒާރު ދީގެން ބިރުދައްކަން މަސައްކަތްކުރަނީ، އިންސާފުވެރި އިންތިހާބެއްގައި އެމަނިކުފާނާ ވާދަކޮށްލައިގެން ރައީސް މުއިއްޒަށް ކާމިޔާބު ނުލިބޭނެކަން އެނގޭތީ ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ. ރައީސް މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ބަސް އައްސަވަން ނުޖެހޭ ކަމަށާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް "ކަހީނުންގެ ބަސް" އައްސަވައިގެން ޖަލަށްލެއްވި ކަމަށް ފާހަގަކުރެއްވި އެވެ.
ޔާމީންގެ ވަކީލު މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، އާރަށު މައްސަލާގައި ކުރިން އިއްވި ހުކުމް ހައި ކޯޓުން ބާތިލުކޮށްފައިވާތީ، ޔާމީންގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ގާނޫނީ އަދި ޝަރުއީ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށެވެ. ފުއްގިރި މައްސަލާގައި ވެސް ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުވެފައި ނުވާތީ، ޔާމީންގެ މައްޗަށް ވެސް ކުށް ސާބިތުނުކުރެވޭނެ ކަމަށް ޖަމީލު ފާހަގަކުރެއްވި އެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު، ޔާމީންގެ ދެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ފަހުކޮޅަށް ވަނީ ތާވަލުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ