ގދ. ތިނަދޫ ސިޓީގައި އަލަށް އުފަންވެ ރަޖިސްޓްރީކުރާ ކޮންމެ ކުއްޖަކަށް ފައިސާގެ އިނާޔަތެއް ދޭން އެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން މިއަދު އާއްމުކުރި އުސޫލުގައިވާ ގޮތުން، މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ތިނަދޫގެ އާބާދީ އިތުރުކުރުމާއި، ނިސްބަތުން ދަށްވަމުންދާ ރާއްޖޭގެ ވިހެއުމުގެ ރޭޓު މަތިކުރުމަށް ޒުވާން އާއިލާތަކަށް ހިތްވަރު ދިނުމެވެ.
އިނާތަތް ދޭން ކަނޑައަޅާފައިވަނީ ދެ ކެޓަގަރީއަކަށެވެ. ތިނަދޫގެ ރަށްވެހިންނަށް ލިބޭ ކުދިންނަށް (ކެޓަގަރީ އޭ) 1،500ރ. އަދި އެހެން ރަށެއްގެ މައިންބަފައިންނަށް ލިބޭ ނަމަވެސް ފުރަތަމަ ފަހަރަށް ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިންނަށް (ކެޓަގަރީ ބީ) 2،000ރ. ދޭން ވަނީ ހަމަޖައްސާފަ އެވެ.
ޝަރުތެއްގެ ގޮތުގައި ބުނެފައިވަނީ ކުއްޖާގެ މަންމަ ނުވަތަ ބައްޕަ އަކީ ތިނަދޫގައި ރަޖިސްޓްރީވެފައިވާ މީހަކަށްވުން، ނުވަތަ ދެ މީހުން ވެސް ބޭރު ބައެއް ނަމަ ކުއްޖާ ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ކަމުގައި ވުމެވެ. ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީ ކާޑު ހަދައިދިނުމުންނެވެ.
އެންމެ ފަހަރަކު ދޭ މި އިނާޔަތަށް އެދި ހުށަހަޅަން ޖެހެނީ ކުއްޖާ ރަޖިސްޓްރީވާތާ އެއް މަސް ދުވަހުގެ ތެރޭގަ އެވެ.
ކޮމެންޓު ފޮނުވާ