ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް

Author
އަހުމަދު
21 ސެޕްޓެމްބަރ 2026 01:12
0

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ބިޔަ މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ޔޫއޭއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ ބިޔަ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު، ރާއްޖޭގެ ޖުމްލަ ޖީޑީޕީ ކަމަށްވާ 8 ބިލިއަން ޑޮލަރުގެ ދެ ގުނައަށް ވުރެ ބޮޑުވުމެވެ.

18 އަށް ވުރެ ގިނަ ގައުމުގައި އިންވެސްޓް ކޮށްފައިވާ އީގަލް ހިލްސްއާ އެކު، ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ފަދަ ދުނިޔޭގެ އެންމެ މަޝްހޫރު މަޝްރޫއުތައް ހިންގާ އިމާރް ކުންފުނިވެސް މި މަޝްރޫއުގައި ބައިވެރިވާނެ އެވެ. ރަސްމާލޭން ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގައި ހިންގާ މި މަޝްރޫއުގައި، މަތީ ފަންތީގެ ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން، ވިޔަފާރިއާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތުގެ ވަސީލަތްތައް ހިމެނޭނެ އެވެ.

މި މަޝްރޫއުގެ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ 99 އަހަރުގެ ލީސްހޯލްޑް އުސޫލުންނެވެ. މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ މުއްދަތެއް ފެށޭ ގޮތަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ދޫކުރުމަށް ކުރިން ކަނޑައަޅާފައިވާ ގޯއްޗާއި ފްލެޓުގެ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.