އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ 76 ވަނަ އުފަން ދުވަސް ބުރާސްފަތި ދުވަހު ފާހަގަކުރެއްވިއިރު، އެމަނިކުފާނަށް ސްކޫލްގައި ކިޔަވައިދެއްވި ކުރީގެ ޓީޗަރެއް ކަމަށްވާ އެޗް.ސީ. ޕަޓޭލް ވަނީ މޯދީގެ ކުޑައިރުގެ ހަނދާންތައް އައު ކުރައްވާ، އެމަނިކުފާނުގެ ތޫނު ވިސްނުމާއި، ހިތްވަރުގަދަކަމުގެ ވާހަކަ ދައްކަވާފައެވެ.
ވަޑްނަގަރުގައި ހުންނަ ބަގްވަތު އާޗަރްޔާ ނާރާޔަން އާޗަރްޔާ ސްކޫލްގައި 1965 ވަނަ އަހަރުން 1967 ވަނަ އަހަރަށް، މޯދީ ގްރޭޑް 11 އަދި 12 ގައި ކިޔެވި ދުވަސްވަރު، ސައިންސް މާއްދާ ކިޔަވައިދެއްވި ޓީޗަރު ޕަޓޭލް ވިދާޅުވިގޮތުގައި، ސްކޫލްގެ ފާރު ބިނާކުރުމަށް ފައިސާ ހޯދުމަށް ކުޅުނު ޑްރާމާއެއްގައި 19 ވަނަ ޤަރުނުގެ މަޝްހޫރު ގެރިއްލާ ހަނގުރާމަވެރިއެއް ކަމަށްވާ ޖޯގިދާސް ޚުމާންގެ ރޯލު މޯދީ އަދާކުރެއްވުމުން، ޙާޟިރީންގެ ފަރާތުން 10 މިނިޓް ވަންދެން އަތްތިލަ ބަޑި ޖައްސަވާފައިވެއެވެ.
މޯދީގެ ކުޑައިރުގެ ފާހަގަކޮށްލެވޭ ހާދިސާއެއް ކިޔައިދެއްވަމުން ޕަޓޭލް ވިދާޅުވީ، އެއް ދުވަހަކު ޝަރުމިޝްތާ ފެންގަނޑުން ކުޑަ ކިނބުލެއް މޯދީގެ ގެއަށް ގެންދިޔަ ކަމަށެވެ. އެއިރު މޯދީގެ މަންމާފުޅު ހީރާބާ ވިދާޅުވީ "ދަރިފުޅު ތިކުރީ ކީއް؟ މީގެ މަންމައަށް ވާނީ ކިހިނެއް؟ ދަރި މިތަނަށް ގެނައިމަ، މަންމައަށް ވަނީ ކިހިނެއް؟" ކަމަށާއި، އަނބުރާ ދޫކޮށްލުމަށް އެންގެވި ކަމަށެވެ. ޖެހިގެން އައި ދުވަހު މޯދީ ވަނީ އެ ކުޑަ ކިނބޫ ޝަރުމިޝްތާ ފެންގަނޑަށް އަނބުރާ ދޫކޮށްލައްވާފައި ކަމަށް ޕަޓޭލް ވިދާޅުވިއެވެ.
2012 ވަނަ އަހަރު ޕަޓޭލްގެ އުފަން ރަށުގައި ބޭއްވި ފައްޅި ހުޅުވުމުގެ ރަސްމިއްޔާތަށް، އޭރު ގުޖުރާތުގެ ޗީފް މިނިސްޓަރު ކަމުގައި ހުންނެވި މޯދީ ދެއްވި ދައުވަތު ޤަބޫލުކުރައްވާ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
"އޭނާގެ ވިސްނުން ވަރަށް ތޫނު… އަޅުގަނޑު އޭނާއަށް ކިޔަވައިދިނިން، އެކަމަކު އޭނާ މިހާ މަޝްހޫރު ބޭފުޅަކަށް ވެދާނެ ކަމަކަށް ހިއެއްނުކުރަން. ނަމަވެސް އޭރު ވެސް އޭނާއަކީ ޚާއްޞަ ދަރިވަރެއް. 'ވަސުދާއިވަ ކުޓުމްބަކަމް' (ދުނިޔެއަކީ އެއް ޢާއިލާއެއް) ގެ ރޫޙުގައި ޤައުމަށާއި ދުނިޔެއަށް ޚިދުމަތްކުރެއްވުމުގެ ހެޔޮ ތައުފީޤު އޭނާއަށް ދެއްވުމަށާއި، ސިއްޙަތު ސަލާމަތުން ލެއްވުމަށް ދުޢާކުރަން،" ޕަޓޭލް ވިދާޅުވިއެވެ.
"އޭރު އަޅުގަނޑުމެންނަށް ޚިޔާލަށްވެސް ނާދޭ، މި ބޭފުޅާ މިހާ މައްޗަށް ވަޑައިގެން، މިހާ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާނެ ކަމަކަށް. އޭނާ ޗީފް މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ކުރިން، އޭނާގެ ކޮއްކޮ ޕަންކަޖް-ބާއީއާ ބައްދަލުކުރެވި، އެފަދަ ފުރުޞަތެއް އޮތްތޯ ސުވާލުކުރި ހިނދު، އޭނާ ބުނުއްވީ ނޫނެކޭ. އެކަމަކު، އޭނާ ވަނީ ޗީފް މިނިސްޓަރު ކަމަށް ވަޑައިގެންފައި،" އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ