ސަރުކާރުން ހިންގަމުން އަންނަ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް 2،040،866 ގަސް އިންދާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފި އެވެ.
މި މަޝްރޫޢަކީ 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހު، ޖޫން 1 ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް މިހާރު ވަނީ އިންދާ ނިމިފަ އެވެ. އަދި ރިސޯޓްތަކުން 1.4 މިލިއަން ގަސް އިންދުމަށް ވަނީ ރާވާފަ އެވެ.
މަޝްރޫޢަށް ބޭނުންވާ ގަސް ހެއްދުމުގެ ގޮތުން ލ. ގަމުގައި 20،000 އަކަފޫޓާއި 100،000 އަކަފޫޓުގެ ދެ ނާސަރީއެއް ތަރައްޤީ ކުރުމަށް އެޗްޑީސީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55،000 އަކަފޫޓުގެ ނާސަރީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޤައުމީ މަސައްކަތުގައި ކައުންސިލްތަކާއި ސަރުކާރު އިދާރާތަކާއި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ބައެއް ޤައުމުތަކުގެ އެމްބަސީތަކުންވެސް ދަނީ ބައިވެރިވަމުންނެވެ.
ކޮމެންޓު ފޮނުވާ