ޓީ-ބިލްގެ އިންޓްރެސްޓަށް ދެއްކި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

ޓީ-ބިލްގެ އިންޓްރެސްޓަށް ދެއްކި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

Author
އަހުމަދު
18 ސެޕްޓެމްބަރ 2026 08:37
0

ދިވެހި ސަރުކާރުން ބަޖެޓު ސަޕޯޓަށް ފައިސާ ހޯދަން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ޓްރެޜަރީ ބިލުތަކުގެ އިންޓްރެސްޓުގެ ގޮތުގައި ޖެހުނު 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ ސަރުކާރުން ކަމަށް އެ ގައުމުން މިއަދު ހާމަކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ޓީ-ބިލުތަކުގެ ޕްރިންސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން ކަމަށާއި، ނަމަވެސް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ޖެހުނު ހުރިހާ އިންޓްރެސްޓެއް، ޖުމްލަ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު، ދެއްކީ އިންޑިއާއިން ކަމަށެވެ.

ޖުމްލަ 100 މިލިއަން ޑޮލަރުގެ މި ޓީ-ބިލުތަކުގެ ޕޭމަންޓު ހަ ފަހަރެއްގެ މަތިން ފަސްކުރުމަށްފަހު، ފުރަތަމަ 50 މިލިއަން ޑޮލަރު ދިވެހި ސަރުކާރުން ދެއްކީ ޖެނުއަރީ 2024 ގައެވެ. އަނެއް 50 މިލިއަން ޑޮލަރު ދެއްކީ މިދިޔަ ބުދަ ދުވަހު އެވެ. މި ދަރަނި ހަލާސްކުރެވުމާއެކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ އުފާ ފާޅުކޮށްފަ އެވެ.

ނަމަވެސް، މި ޕޭމަންޓާ އެކު ދައުލަތުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ދަރަނި އަދާކުރީ ދައުލަތުގެ ރިޒާވުން ނޫން ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި އާންމުންގެ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އަދި ސަރުކާރުން އެ ފައިސާ ނަގާތީ، ވިޔަފާރިވެރިން މުދާ ގަންނަން ބޭރަށް ފޮނުވަން ޖަމާކުރާ ޑޮލަރު ސަޕްލަޔަރުންނަށް ނުދެވި ތާށިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.