ބަލިމީހުންގެ ރައްކާތެރިކަމަކީ ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ތަނބު: މެޑަމް ސާޖިދާ

ބަލިމީހުންގެ ރައްކާތެރިކަމަކީ ޞިއްޙީ ނިޒާމުގެ އެންމެ މުހިންމު ތަނބު: މެޑަމް ސާޖިދާ

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 07:22
0

ބަލިމީހުންނަށް އަމާން، ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށާއި ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ބާރުވެރިކުރުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ދެއްވި ޚިޠާބުގައި ފަސްޓް ލޭޑީ ވިދާޅުވީ، އިތުބާރު ހުރި ޞިއްޙީ ނިޒާމެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް އަސާސަކީ ބަލިމީހުންގެ ރައްކާތެރިކަން ކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މި އަހަރުގެ ޝިޢާރު "ދާއިމީ ބޮޑެތި ބަލިތަކަށް ރައްކާތެރި ފަރުވާއެއް"ގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ދާއިމީ ބަލިތަކަށް ފަރުވާކުރުމަކީ މުޅި އުމުރަށް ދެމިގެންދާ ދަތުރެއްކަން ބަޔާންކުރައްވަމުން، ފަރުވާގެ ކޮންމެ މަރުޙަލާއެއްގައި ވެސް ފެންވަރު ރަނގަޅު، ރައްކާތެރި ޚިދުމަތެއް ބަލިމީހާއަށް ލިބެންޖެހޭނެ ކަމަށާއި، ބަލިތައް ކުރީބައިގައި ދެނެގަނެ، މެދުކެނޑުމެއްނެތި ފަރުވާ ދެވޭނެ ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައި، ޞިއްޙީ ޚިދުމަތްތެރިންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އާންމުންނަށް ގޮވާލެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ޕޭޝަންޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.