ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައި ނުދެއްވުމުގެ ސަބަބުން މިހާރުގެ ސަރުކާރުގެ ޞައްޙަކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަރުގަދަ ފާޑުކިޔުމެއް އަމާޒުކުރައްވައިފިއެވެ.
ރޭ އެމަނިކުފާނުގެ ސަޕޯޓަރުންނާ އެކު ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އުފައްދާފައިވާ އިޤްތިޞާދީ، މާލީ އަދި ޚާރިޖީ މައްސަލަތަކުގެ ސަބަބުން މިއަދު ކޮންމެ ރައްޔިތެއްގެ ބޯމަތީގައި އޮތީ މާޔޫސްކަން ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި ޤައުމު ހަމަމަގަށް އަޅުއްވައި ދެއްވުމަށްޓަކައި ގިނަ ބަޔަކު މިހާރުވެސް މަސައްކަތް ކުރައްވަމުންދާ ކަން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި، މިހާރު މަޖިލީހުގައި ތިއްބެވީ އެންމެ 13 މިނިވަން މެންބަރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެން ތިއްބެވި މެންބަރުންގެ އަނގައިގައި ވަނީ މަލަން އެޅިފައި ކަމަށް ސިފަކުރެއްވިއެވެ. މީގެއިތުރުން، މިއަދު ޤައުމުގައި މިނިވަން ނޫސްވެރިކަމެއް އަދި ފުރިހަމަ ޑިމޮކްރެސީއެއް ނެތް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި މި ދެ ކަންތައް އަލުން އިޔާދަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ނިންމާލައްވަމުން ޝާހިދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުން އެދޭ ޙަޤީޤީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވައި، ފުރިހަމަ ބޭސްފަރުވާގެ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ