ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާދަކުރެއްވުމަށާއި، އެ ޕާޓީގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވުމަށް ޕީއެންސީގެ ކޮންގްރެސުން މިއަދު އިއްތިފާގުން ފާސްކޮށްފި އެވެ.
މިކަން ފާސްކުރީ ފުވައްމުލަކު ދެކުނު ދާއިރާގެ ހާއްސަ މަންދޫބު އަބްދުﷲ އިބްރާހީމް ހުށަހެޅި ގަރާރަކުންނެވެ. މި ގަރާރު އިއްތިފާގުން ފާސްވީ ވޯޓުގައި ބައިވެރިވި 1،119 މަންދޫބުންގެ އަތް އުފުއްލެވި ވޯޓަކުންނެވެ.
ގަރާރުގައި ބުނެފައި ވަނީ ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ގައުމީ ޚިދުމަތް ދިވެހި ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެ ޚިދުމަތް މެދުކެނޑުނަނުދިނުމަށްޓަކައި ރިޔާސީ ދެވަނަ ދައުރެއް އެމަނިކުފާނަށް ހައްގު ކަމަށެވެ. އަދި ޕީއެންސީގެ އަސާސީ ގަވައިދުގައި ބުނާ ގޮތުން، އެ ޕާޓީގެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވައި ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް އެރުވުމުގެ ފުރުސަތު އޮންނަ ކަން ވެސް ގަރާރުގައި ފާހަގަކުރިއެވެ.
މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި އިންނެވި މި ސެޝަނުގައި، ގަރާރަށް ބަހުސް ކުރެއްވުމަށް އެއް ގަޑިއިރު ދެއްވި އެވެ. އެ ފުރުސަތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ހެރިޓޭޖު މިނިސްޓަރު ހީނާ ވަލީދާއި ސަރުކާރުގެ އިސް ބޭފުޅުން ވާހަކަދެއްކެވި އެވެ.
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، މަޖިލީހުގައި ތިއްބެވި ޕީއެންސީގެ 73 މެންބަރުންނަކީ ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ތަމްސީލްކުރާ މެންބަރުން ކަމަށާއި، އެ ދާއިރާތަކުގެ ރައްޔިތުން އެދެނީ ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑުމެން ލޮލުންބޮލުން ހިތުން އެދެނީ އަޅުގަނޑުމެންގެ މިޕާޓީގެ ރައީސަށް، މިގައުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ޕީއެންސީގެ ޓިކެޓް އެރުވުމަށް،" ފަލާހު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ