އީރާނުގެ ފަސް ތެޔޮ ބޯޓަކަށް އެމެރިކާއިން ހަމަލާދިނުމުން، އުރުދުންގެ އެމެރިކާ މަރުކަޒަކަށް އީރާނުން ރައްދު ހަމަލާ ދީފި

އީރާނުގެ ފަސް ތެޔޮ ބޯޓަކަށް އެމެރިކާއިން ހަމަލާދިނުމުން، އުރުދުންގެ އެމެރިކާ މަރުކަޒަކަށް އީރާނުން ރައްދު ހަމަލާ ދީފި

Author
އަހުމަދު
09 ސެޕްޓެމްބަރ 2026 08:17
0

އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، އިއްޔެ އެމެރިކާއިން އީރާނުގެ ފަސް ތެޔޮ ބޯޓަކަށް ހަމަލާދީފި އެވެ. މީގެ ރައްދެއްގެ ގޮތުން، އުރުދުންގައި ހުރި އެމެރިކާ ސިފައިންގެ މަރުކަޒަކަށް އީރާނުން ވަނީ 20 ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި، އޮމާން ކަނޑުގައި އޮތް 'ކަވިޒް’، 'ޗާމިނާ’، 'ހޮރައިޒަން-1′ އަދި 'ރިއެސްކޯ’، މީގެ އިތުރުން ހާގު ޖަޒީރާ ކައިރީގައި އޮތް 'ދެރްޔާ' ނަމަކަށް ކިޔާ ބޯޓަށް ހަމަލާދީފައި ވަނީ، ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެމެރިކާގެ މަނަވަރުތަކަށް އަމާޒުކޮށް އީރާނުން ދޭން އުޅުނު ދެ ހަމަލާއަކާ ގުޅިގެންނެވެ. އެ ބޯޓުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލުމުގެ ކުރިން، ފަޅުވެރިންނަށް ބޯޓުތައް ދޫކޮށްލުމަށް އަންގާފައިވާނެ ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.

އީރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލް، އުރުދުންގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލި ކަމަށާއި، ދެ މިސައިލް ވެއްޓުނީ މީހުން ދިރިނޫޅޭ ސަރަހައްދަކަށް ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެ އެވެ. ނަމަވެސް އަލް-އަޒްރަގް މަރުކަޒުގައި ހުރި، އެމެރިކާގެ ހަނގުރާމަވެރި މަތިންދާބޯޓު ބަހައްޓާ ހޭންގަރުތައް ހަލާކުކޮށްލެވުނު ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްއިން ދައުވާ ކުރެ އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ކަނޑުގެ އުޅަނދުފަހަރަށް ހަމަލާދިނުން އީރާނުން ހުއްޓާނުލާހާ ހިނދަކު، އީރާނުގެ ތެޔޮ ބޯޓުތަކަށް ދޭ ހަމަލާ ވެސް ހުއްޓާނުލާނެ ކަމަށެވެ. މީގެ އިތުރުން، ކުވެއިތާއި ބަހްރެއިންގެ ބަނދަރުތަކުގައި ތިބި ތެޔޮ ބޯޓުތަކުގެ ފަޅުވެރިންނަށް ވެސް، އެ އުޅަނދުތައް ދޫކޮށް ފޭބުމަށް އީރާނުން ވަނީ އިންޒާރު ދީފަ އެވެ.

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، އީރާނުގެ ބަނދަރުތައް އެމެރިކާއިން ހިސާރު ކުރުމުގެ ސަބަބުން، އިއްޔެ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 99.46 ޑޮލަރަށް އުފުލިގެން ގޮސްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.