ކޮންމެ ދިވެހި ރައްޔިތަކީ ރިސޯޓެއްގެ ހިއްސާދާރަކަށް ހެދުމުގެ ވަޢުދު ފުއްދެވުމުގެ މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ، މި ވަޢުދުގެ ދަށުން 10 ރިސޯޓު ތަރައްޤީކުރުމަށް ރަށްރަށް ކަނޑައަޅުއްވާފައިވާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. އަދި މި ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު، ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ވަކި ބަޔަކު މުއްސަނދިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ޤުދުރަތީ އެސެޓްތަކުގެ ޙަޤީޤީ ވެރިންނަކީ ދިވެހިން ކަމަށްވާތީ، ކޮންމެ ދިވެއްސަކުމެ މި ސިނާޢަތުގެ ހިއްސާދާރަކަށް ހެދުމަކީ އެންމެ ޢަދުލުވެރި ގޮތްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. މި ބަދަލާއެކު ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސޭހަވެގެންދާނެ ކަމަށާއި، ދަނޑުވެރިންނާއި މަސްވެރިންގެ އުފެއްދުންތައް ވިއްކުމަށް މާލޭގައި އިމާރާތްކުރާ ޒަމާނީ މާރުކޭޓު ބަލަހައްޓާނީވެސް މިފްކޯއިންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މަދަނީ ކުދި މައްސަލަތަކާއި ބޮޑެތި ވިޔަފާރި މައްސަލަތަކުގެ ޝަރުޢީ މަރުހަލާ އަވަސްކުރުމަށް ބޭނުންވާ ޤާނޫނީ އިޞްލާޙުތައް، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ