އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގެ ޑިވެލޮޕްމަންޓް ފޭސްގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު 6-0 އިން ކާމިޔާބުކޮށް، މިޔަންމާ އިން ގުރޫޕުގެ އެއް ވަނަ ހޯދައިފި އެވެ.
ދެ ޓީމުން ވެސް ފުރަތަމަ ދެ މެޗު ކާމިޔާބުކޮށްފައި އޮތުމުން، ގުރޫޕުގެ އެއް ވަނަ ނިންމަން އޮތީ މި މެޗުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިޔަންމާ އަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ 10 ވަނަ މިނެޓުގައި ސައި ބޯ ބޯ އާއި 21 ވަނަ މިނެޓުގައި ތުރާ މިން ތަންޓު ޖެހި ލަނޑުތަކުންނެވެ.
ދެ ވަނަ ހާފު ފެށިގެން ހަތް ވަނަ މިނެޓުގައި މިން ތަންޓު ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މިޔަންމާގެ ހަތަރު ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ކިޔާލް ޔައުން ފޮނުވާލި ބޯޅަ ރާއްޖޭގެ މުހައްމަދު އިލާމް އިމްރާންގެ ފައިގައި ޖެހިފައި ގޯލަށް ވަން ލަނޑެކެވެ. މީގެ ފަހުން 70 ވަނަ މިނެޓުގައި ކައުން ކަޓް އާއި 85 ވަނަ މިނެޓުގައި ސްވަން ޒަރް ނީ ވަނީ ފަހު ދެ ލަނޑު ޖަހައިފަ އެވެ. މެޗުގައި ރާއްޖެ އަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައި ވެއެވެ.
މި ނަތީޖާއާ އެކު ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓު ހޯދައި މިޔަންމާ އަށް ގުރޫޕުގެ އެއް ވަނަ ލިބުނުއިރު، ހަ ޕޮއިންޓާ އެކު ރާއްޖެ އަށް ލިބުނީ ދެ ވަނަ އެވެ. ދެ ޓީމު ވެސް ވަނީ އޭޝިއަން ކަޕް ކޮލިފައިން ފޭސް އިން ޖާގަ ކަށަވަރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ