ސްރީ ލަންކާގެ "ކަޅު އިގްތިސާދު" ގެ ތެރެއިން ގާނޫނާ ހިލާފަށް ގައުމުން ޑޮލަރު ބޭރުކުރުން އެއްކޮށްހެން ހުއްޓުވިފައިވާ ކަމަށް އެ ގައުމުގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ އިއްޔެ ވިދާޅުވެއްޖެ އެވެ.
އާންމު އެއްވުމެއްގައި ވާހަކަދައްކަވަމުން ޑިސެނަޔަކަ ވިދާޅުވީ ސްރީ ލަންކާއިން ގާނޫނާ ހިލާފަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ބޭރުކޮށްފައިވާ ކަމަށާއި، މިއީ އެ ގައުމުން ސައިފަތް އެކްސްޕޯޓްކޮށްގެން އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީއާ ދާދި އެއްވަރުގެ އަދަދެއް ކަމަށެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އާއި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުން ނުރަސްމީ މަގުތަކުން ޑޮލަރު ބޭރުވުމުގެ ދޮރުތައް ބަންދުކުރެވިފައިވާ ކަމަށާއި، ހަޒާނާއަށް ލިބެންޖެހޭ ކޮންމެ ފައިސާފޮއްޗެއް ވެސް މިހާރު ހަޒާނާއަށް ލިބޭކަން ކަށަވަރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން 2025 ވަނަ އަހަރު ސަރުކާރުގެ އާމްދަނީ ޖީޑީޕީގެ 16.7 ޕަސެންޓަށް އަރައި، ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އެންމެ މަތިން އާމްދަނީ ލިބުނު އަހަރު ކަމުގައި 2025 ވެގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި 1957 ވަނަ އަހަރަށްފަހު އެންމެ ކުޑަ ބަޖެޓު ޑެފިސިޓް ވެސް މިއަހަރު ރެކޯޑްކުރެވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ދިރާސާތަކެއް ނުކޮށް ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގައި، ދައުލަތުގެ ފައިސާ އިސްރާފުކޮށްފައިވާ ކަމަށް ރައީސް ފާޑުވިދާޅުވި އެވެ. މީގެ މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ބޭނުންނުކުރެވި ހުރި ބަނދަރުތަކާއި އެއާޕޯޓުތަކެވެ. އަންނަ އަހަރު ތަރައްގީގެ ހަރަދުތަކުގެ ގޮތުގައި ދެ ޓްރިލިއަން ރުޕީސް ކަނޑައެޅުމަށާއި، ކޮންމެ ޑިސްޓްރިކްޓަކަށް ދެ ބިލިއަން ރުޕީސްގެ ބަޖެޓު ރިޒާވެއް ފޯރުކޮށްދިނުމަށް ސަރުކާރުން ރާވާފައިވާ ކަން ވެސް އޭނާ އިއުލާނުކުރެއްވި އެވެ.
ރައީސް މި ވާހަކަ ދެއްކެވިއިރު، ފޭކް ޓީޓީ ހަދައިގެން ލަންކާއިން ބޭރަށް ބިލިއަނެއްހާ ޑޮލަރު ފޮނުވި މައްސަލައެއްގައި ބޭންކުތަކުގެ ހަތަރު މީހަކު ހިމެނޭހެން ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ