ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި 205 ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވި ގޮތުގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި މި އަދަދަށް ބަދަލު އަތުވެދާނެ،" މުންދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެސްއޯއީތައް އެއްކޮށް ރައިޓް ސައިޒް ކުރެވި މި މަސައްކަތް ނިމޭ ހިސާބުގައި، ވަޒީފާއިން ވަކިކުރެވޭ މީހުންގެ އަދަދު، މި ސަރުކާރުން އަލަށް ވަޒީފާ ދިން މީހުންގެ އަދަދަށް ވުރެ މާ ގިނަ ވެގެންދާނެ އެވެ.
ކޮމެންޓު ފޮނުވާ