ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިހާތަނަށް 1,830,618 ގަސް އިންދާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ މުޅި މަޝްރޫޢުގެ 37 އިންސައްތައެވެ.
މިއަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމަށް އަމާޒުހިފާފައިވާއިރު، މިހާތަނަށް ހަ ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ. މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން ރައީސް ކަނޑައަޅުއްވާފައިވާ އަމާޒު ފުރިހަމައަށް ހާސިލުވާނެ ކަމަށެވެ.
މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އިސްކަންދެނީ ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް ހިމެނޭހެން މޭވާ އަޅާ ގަހާއި، ބަގީޗާ ގަސް، ހިޔާދޭ ބިޔަ ގަސް އަދި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދައި އާލާކުރުމަށެވެ. މި މަޝްރޫޢު ފުޅާކުރުމުގެ ގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހުޅުމާލޭގައި 55،000 އަކަފޫޓުގެ ޒަމާނީ 'ގްރީން ނާސަރީ' އެއް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ޤާއިމުކުރުމަށް، ކޮންމެ ރަށަކަށް ފަސް ލައްކަ ރުފިޔާގެ ގްރާންޓް ވަނީ ދޫކޮށްފައެވެ.
މި ޕްރޮގްރާމަށް ރޯޒްވުޑް، އެޗްޑީސީ، އެމްއޭސީއެލް، އެމްޓީސީސީ، އެސްޑީއެމް ފާމް އަދި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވަނީ ބޮޑު އެއްބާރުލުމެއް ދީފައެވެ. އެންމެ ބޮޑު ހިއްސާއެއް އޮތީ ރޯޒްވުޑްގެ 1,478,244 ގަހުގެ (25.2 އިންސައްތަ) ދައުރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަޝްރޫޢަކީ "ކޮޕް28″ ސަމިޓުގައި ރައީސް ޑރ. މުޢިއްޒު އިޢުލާންކުރައްވައި، 5 ޖޫން 2024 ގައި ލޮނުޒިޔާރަތް ޕާކުގައި ރަސްމީކޮށް ފެއްޓެވި މަޝްރޫޢެކެވެ. ޖުމްލަ 5,859,394 ގަސް އިންދުމުގެ މި އަމާޒު ފުރިހަމަކުރުމަށް، ދެން އިންދަން ޖެހެނީ 4,028,776 ގަހެވެ.
ކޮމެންޓު ފޮނުވާ