ދިވެހިންނަށް ޚާއްޞަ ދާއިރާތަކުން ބޭރުގެ 28 ކުންފުންޏެއް އުވާލައިފި

ދިވެހިންނަށް ޚާއްޞަ ދާއިރާތަކުން ބޭރުގެ 28 ކުންފުންޏެއް އުވާލައިފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2026 08:59
0

ދިވެހިންނަށް ޚާއްޞަ ކުރެވިފައިވާ ވިޔަފާރީގެ ދާއިރާތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ބޭރުގެ 28 ކުންފުންޏެއް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އުވާލައިފިއެވެ.

ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން މި ކުންފުނިތައް އުވާލާފައި ވަނީ 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި އައު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން އެކުލަވާލެވުނު ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އުވާލި ކުންފުނިތަކުގެ ލިސްޓު އެ ވުޒާރައިން މިހާރު ވަނީ ޢާންމުކޮށްފައެވެ.

އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، މި ދާއިރާތަކުގައި މިހާރު އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ގެއްލުން ނުވާ ގޮތަށް، އެ ދާއިރާތައް ދޫކޮށްލުމަށް ނުވަތަ އެހެން ދާއިރާތަކަށް ބަދަލުވުމަށް ފުރިހަމަ މުއްދަތެއް ދިނުމަށްފަހު، ޤާނޫނުގައިވާ ހުރިހާ އިޖުރާޢަތެއް ފުރިހަމަކޮށްގެން ކަމަށެވެ.

އައު ޤާނޫނުގެ ދަށުން ދިވެހިންނަށް އިތުރު ދާއިރާތަކެއް ޚާއްޞަކުރެވިފައި ވެއެވެ. އޭގެ ތެރޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި، ލޮޖިސްޓިކްސް، ޢާންމު ކަނޑު ދަތުރުފަތުރުގެ ޚިދުމަތް، ބަންކަރިންގެ ޚިދުމަތް، 15 މިލިއަން ޑޮލަރުން ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް އަދި 100 މިލިއަން ޑޮލަރުން ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތައް ހިމެނެއެވެ. ބައެއް ދާއިރާތަކުގައި ދިވެހި ޙިއްޞާދާރަކާއެކު ނުވަތަ ޖޮއިންޓް ވެންޗަރ އުޞޫލުން ވިޔަފާރި ކުރެވޭ ގޮތަށްވެސް ފުރުޞަތު ފަހިކޮށްދީފައި ވެއެވެ.

45 އަހަރު ފަހުން ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވަނީ ބޭރުގެ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ދިވެހިންނަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.