އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވިކަމަށް ބުނެ، އެކަށީގެންވާ އިޖުރާއީ އުޞޫލުތަކާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް، އެއް މަހުގެ އަސާސީ މުސާރައާ އެއްވަރުގެ ބަދަލެއް ދިނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (RDC)ގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ، މާލޭ ސިޓީގައި އިދިކޮޅު އެމްޑީޕީން އިންތިޒާމުކުރި މުޒާހަރާއެއްގައި ބައިވެރިވިކަމަށް ބުނެ، މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ގައި ވަޒީފާއިން ވަކިކުރި، ސީނިއަރ ބިލްޑިންގ މެއިންޓަނަންސް އޮފިސަރެކެވެ. RDC އިން އޭނާ ވަޒީފާއިން ވަކިކުރީ، ސަރުކާރާ ދެކޮޅު ޙަރަކާތެއްގައި ބައިވެރިވިކަމަށް ތުހުމަތުކޮށް، ކުންފުނީގެ އެޗް.އާރް. ސިޔާސަތުގެ ދަށުންނެވެ. މުވައްޒަފުގެ ފަރާތުން ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދިނުމުން، އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢުކުރުމަށާއި، ގެއްލުނު މުސާރަ ހޯދައިދޭން އެދިފައިވެއެވެ.
RDC އިން ބުނެފައި ވަނީ، އޭނާ ބައިވެރިވީ ޢާންމު ސުލްޙަ ނަގާލި ޤާނޫނާ ޚިލާފު އެއްވުމެއްގައި ކަމަށާއި، މާއްދީ ގޮތުންނާއި އިޖުރާއީ ގޮތުންވެސް ޢަދުލު އިންޞާފު ޤާއިމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް ޓްރައިބިއުނަލުން ފާހަގަކުރީ، އެ އެއްވުމަކީ ޤާނޫނާ ޚިލާފު އެއްވުމަކަށްވުމުން، ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް RDC ގެ ސިޔާސަތުގެ ދަށުން ފުދޭ ސަބަބުތަކެއް ހުރި ނަމަވެސް، ވަޒީފާއިން ވަކިކުރުމުގެ ކުރިން ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުދިނުމުން، އިޖުރާއީ ޢަދުލު ޤާއިމުވެފައި ނުވާ ކަމަށެވެ.
އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ބަދަލެއްގެ ގޮތުގައި، އެއް މަހުގެ އަސާސީ މުސާރައާ އެއްވަރު 7,750 ރުފިޔާ ދިނުމަށް ޓްރައިބިއުނަލުން RDC އަށް އަމުރުކުރިއެވެ. މި ޙުކުމް ފާއިތުވި ހަފުތާގައި ނެރުއްވީ، ޓްރައިބިއުނަލަށް އަލަށް ޢައްޔަންކުރެވުނު މެންބަރު އަމްޖަދު މުޞްޠަފާއެވެ. މި ޙުކުމުގައި، ސަރުކާރު ބަންދު ނޫން 15 ދުވަހުގެ ތެރޭގައި އެއް ފަހަރާ އެ ފައިސާ ދެއްކުމަށާއި، ފައިސާ ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށް RDC ގެ މައްޗަށް ލާޒިމުކޮށްފައިވެއެވެ.
މިދިޔަ އަހަރު އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ބައިވެރިވި 8 މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަކިން ދަޢުވާ އުފުލާފައިވެއެވެ.
ކޮމެންޓު ފޮނުވާ