ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި ވިއްކާ ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންގެ ކޮމިޝަނާއި މާޖިން އިން ޖީއެސްޓީ ނުނެގުމަށް ގޮވާލައި، އެ ފަރާތްތަކުން އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ރައީސް އޮފީހާއި މީރާ، ރައްޔިތުންގެ މަޖިލިސް އަދި ފިނޭންސް މިނިސްޓްރީއަށް އެޑްރެސްކޮށްފައިވާ މި ޕެޓިޝަނުގައި ބުނެފައި ވަނީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ކާމިޔާބު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކުރިއަރައި ދިޔައީ ބޭރުގެ އެތައް ހާސް ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންގެ މަސައްކަތުން ކަމަށެވެ. އެ ފަރާތްތަކުން ފައިސާ އާއި ވަގުތު އިންވެސްޓުކޮށްގެން އެތައް އަހަރެއް ވަންދެން ރާއްޖެ ޕްރޮމޯޓުކޮށް، ފަތުރުވެރިން ގެނެސްދިން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތުން ޓެކްސް ނެގުމާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރުގައި ކުރާ ވިޔަފާރިތަކުން ލިބޭ ކޮމިޝަނާއި މާޖިން އަދި ސާވިސް އިންކަމް އިން ޓެކްސް ނެގުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ފަތުރުވެރިޔާ ޗުއްޓީ ހޭދަކުރަނީ ރާއްޖޭގައި ކަމަށްވިޔަސް، ބޭރުގައި ކުރާ ވިޔަފާރީގެ ވެލިއު އަކީ ރާއްޖޭގައި ފޯރުކޮށްދޭ ޓޫރިޒަމް ހިދުމަތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބޭރުގެ ޑިސްޓްރިބިޔުޓަރުންގެ އަތުން %17 ގެ ޓެކުހެއް ނެގޭ ގޮތަށް އޮތުމުން، ބީ2ބީ ނެޓްވޯކުތަކަށާއި ރާއްޖޭގެ ވިޔަފާރިތަކާ ގުޅިގެން ހިންގާ ވިޔަފާރިތަކަށް ސީދާ އަސަރުކުރާނެ ކަމަށް ޕެޓިޝަނުގައި ފާހަގަކުރި އެވެ. އަދި ކުދި ބުޓީކް ޓްރެވަލް އެޖެންސީތަކާއި ބޮޑެތި އޮންލައިން ބުކިން ޕްލެޓްފޯމުތައް އެއް ހަމައެއްގައި ނުބެލެވޭނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައި ވަނީ ޓްރެވަލް ޓްރޭޑް ކޮމިޝަނާއި މާޖިން އިން ޓެކްސް ނުނެގުމަށާއި، ޓެކުހަށް ރަޖިސްޓްރީވުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށާއި، މިހާރު ހަދާފައި ހުރި ބުކިންތަކުން ޓެކްސް ނުނެގުމަށެވެ. މީގެ އިތުރުން، ދާއިރާގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހު ނޫން ގޮތަކަށް ޓޫރިޒަމަށް ގެއްލުންވާނެ ފިޔަވަޅުތައް ނޭޅުމަށް ވެސް ގޮވާލާފައިވެ އެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތަންފީޒުކުރާ މި ބަދަލުތަކާ މެދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާޒް (މަޓާޓޯ) އިން ވެސް ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ