ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަކަށް ފުރޮޅާލުމުގެ އަމާޒުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި "ބޮޑު ބަދަލު" ގުރޫޕުގެ އަސްލު މަގްސަދު ގެއްލިއްޖެކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް އެ ގުރޫޕުން ވަކިވެވަޑައިގެންފިއެވެ.
ފައްޔާޒް އެ ގުރޫޕާ ގުޅިވަޑައިގަތީ، ރިޔާސީ ރޭހަށް އޭނާ ނިކުމެވަޑައިގަތުމަށާއި، ފަހުން ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަތުމަށް އެއްބަސްވެފައި ވަނިކޮށެވެ. ނަމަވެސް ފަހަކަށް އައިސް ނަޝީދުގެ ސަޕޯޓަރުން ދިޔައީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖެހޭނީ ނަޝީދު ކަމަށް ވިދާޅުވެ، އެ ވޮޓްސްއެޕް ގުރޫޕުގައި ވެސް އަޑުއުފުއްލަވަމުންނެވެ.
ނަޝީދަށް ނުސީދާކޮށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ، ރިޔާސީ ރޭހަށް ނިކުމެވަޑައިގަތުމުގެ ފުރުޞަތު އެމްޑީޕީގެ ޕްރައިމަރީގައި ކޮންމެ ބޭފުޅަކަށް ވެސް ހުޅުވާލެވިފައި އޮންނާނެ ކަމަށާއި، ބޭނުންފުޅުވާ ބޭފުޅުން އެ މަގުން ވަޑައިގަންނަވަންވީ ކަމަށެވެ.
ފައްޔާޒުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާއިރު، ޕާޓީގެ އެތެރޭގައި ޓިކެޓުގެ ވާދަވެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ކޮމެންޓު ފޮނުވާ