އެއްގަމު އުޅަނދު ބޭނުންކުރެވޭނެ އެންމެ ދިގު މުއްދަތަކީ 20 އަހަރު ކަމަށް ކަނޑައަޅައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާމިން ހަބީބު ހުށައެޅުއްވި މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލާ ދެކޮޅަށް 12 މެމްބަރަކު ވޯޓް ދެއްވި އެވެ.
ބިލުގައިވާ ގޮތުން، ހާއްސަ ގިންތިއަކަށް ފެތޭ އުޅަނދު ފިޔަވައި އެހެން އެއްވެސް އެއްގަމު އުޅަނދެއް ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރެވޭނީ އުފެއްދި ތާރީހުން ފެށިގެން ގިނަވެގެން 20 އަހަރު ވަންދެންނެވެ. މުއްދަތު ހަމަވުމުން، ނޯޓިސް ފޮނުވުމަށްފަހު އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ އެވެ. ތާރީހީ ގޮތުން މުހިންމު އުޅަނދުތައް މި މުއްދަތުން އިސްތިސްނާ ކުރެވޭނެ އެވެ.
ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވެސް ބިލުގައި ދީފައި ވެއެވެ. އެގޮތުން ޖޫރިމަނާ 5،000 ރުފިޔާއިން މައްޗަށް އަރައިފިނަމަ އުޅަނދުގައި "ބޫޓް" އެޅުވުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ. އަދި 72 ގަޑިއިރު ތެރޭގައި ޖޫރިމަނާ ނުދައްކައިފިނަމަ އުޅަނދު ޓޯކުރުމުގެ އިހްތިޔާރު ދީފައި ވާއިރު، ކަނޑައެޅޭ މުއްދަތެއްގައި ވެރިފަރާތުން ހަވާލުނުވެއްޖެނަމަ ނީލަން ކިޔުމުގެ ނުވަތަ ނައްތާލުމުގެ ބާރު ވެސް ފުލުހުންނަށް ލިބިދޭނެ އެވެ.
މީގެ އިތުރުން ބައެއް އުޅަނދުތަކުގެ އަހަރީ ފީ ދެގުނަ ބޮޑުކުރުމަށާއި، އުޅަނދުގައި އަމިއްލަ ނަންބަރު ޖެހުމަށް ބޮޑެތި އަގުތަކެއް ކަނޑައެޅުމަށް ވެސް ބިލުގައި ވަނީ ހިމަނާފަ އެވެ. ހަތަރު ފުރޮޅުލީ އުޅަނދެއްގައި އަމިއްލަ ނަންބަރެއް ޖަހާނަމަ 350،000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ ފީއެއް ނެގޭއިރު، އެހެން ބާވަތުގެ އުޅަނދުތަކުން 200،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ ފީއެއް ދައްކަން ޖެހޭނެ އެވެ.
ކޮމެންޓު ފޮނުވާ