ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގާ ބިލު މަޖިލީހަށް

ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނަގާ ބިލު މަޖިލީހަށް

Author
އަހުމަދު
25 އޮގަސްޓް 2026 06:35
0

ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްޓަކައި އެކުލަވާލި ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގްސަދަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން އަތުލައި، އެފަދަ މުދަލުން އިތުރު މަންފާ ހޯދޭނެ ދޮރުތައް ބަންދުކުރުމަށް ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ. މީގެ ސަބަބުން، ކުށްކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވި، ދައުލަތުގެ މުދާ އަނބުރާ ދައުލަތަށް ނެގުމުގައި މިހާރު ހުރި ގާނޫނީ ހުރަސްތަކަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެސެޓް ރިކަވަރީއަށް ހާއްސަ ގާނޫނެއް ފަރުމާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ކުރިން ވަނީ ސަރުކާރަށް ލަފާ ދީފަ އެވެ. އޭސީސީގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ނިޒާމެއް މިހާރު އޮތް ނަމަވެސް، ކޮރަޕްޝަނުގެ ކުށްތަކުން ހޯދާ މުދަލާއި ކުށްކުރަން ބޭނުންކުރި މުދާ ދައުލަތަށް ނެގުމުގައި ބޮޑެތި ގޮންޖެހުންތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

މީގެ އިތުރުން، މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން ކުށްކޮށްގެން ހޯދާ ފައިސާ ލޯންޑާކުރުމަށް "ޕޭޕާ ކުންފުނިތައް" ހަދައިގެން މުއާމަލާތްކުރާ ކަން ފާހަގަކުރެވި، ހޯމްލޭންޑް ސެކިއުރިޓީގެ އެންގުމުގެ މަތިން 30 ކުންފުންޏެއްގެ ލިސްޓެއް އެކުލަވާލައި، އެފަދަ ވިޔަފާރިތަކާއެކު މުއާމަލާތް ނުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.