ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިއަދު ހަވީރު ފުރި ފްލައި ޑުބާއީގެ ބޯޓަކާއި ބިޔޯންޑް އެއާލައިންގެ ބޯޓެއްގެ އިންޖީނަށް މައްސަލަ ދިމާވެ، އިމަޖެންސީގައި ދެ ބޯޓު ވެސް އަނބުރާ ޖައްސައިފި އެވެ.
ދުބާއީއަށް ދަތުރުކުރި ފްލައި ޑުބާއީގެ އެފްޒެޑް 1569 ބޯޓު މާލެއިން ފުރިތާ ގިނައިރެއް ނުވަނީސް އިންޖީނަށް މައްސަލައެއް ދިމާވެ، ތެޔޮ ހުސްކުރުމަށްޓަކައި 45 މިނެޓް ވަންދެން ވައިގެ ތެރޭގައި އުދުހުމަށްފަހު ރައްކާތެރިކަމާއެކު ވަނީ އަނބުރާ ޖައްސައިފަ އެވެ. ބިޔޯންޑްގެ ބޯޓު ވެސް ވައިގެ ތެރެއަށް އެރުމަށްފަހު އަނބުރާ ޖެއްސީ ދަތުރުކުރަން ބޭނުންވާ ސްޕީޑް ނުލިބިގެންނެވެ.
މި ދެ ހާދިސާއާ ގުޅިގެން އެއާޕޯޓުގެ އިމަޖެންސީ ޕްރޮޓޮކޯލްއާ އެއްގޮތަށް، ފަޔާ އެންޑް ރެސްކިއު އަދި އައިޖީއެމްއެޗްގެ އީއާރު ވެސް ވަނީ އެލާޓަށް ގެނެސްފަ އެވެ. ބޯޓުތަކުގައި ތިބި ފަސިންޖަރުންގެ އަދަދާއި، އިންޖީނުތަކަށް ދިމާވި މައްސަލައިގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ