ކަނޑުގެ 500 މީޓަރު އަޑިން ފެން އުފައްދަން އަންނަ އަހަރު ފަށަނީ

ކަނޑުގެ 500 މީޓަރު އަޑިން ފެން އުފައްދަން އަންނަ އަހަރު ފަށަނީ

Author
އަހުމަދު
22 އޮގަސްޓް 2026 06:26
0

ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓެއް ބަހައްޓައިގެން ފެން އުފެއްދުމުގެ އީޖާދީ މަޝްރޫއެއް އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ނިންމައިފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ، "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ދާއިރާގައި ކުރިއަރާފައިވާ ނޯވޭގެ ކުންފުންޏަކާ ގުޅިގެން ކަމަށާއި، އެއްބަސްވުމުގައި މިހާރު ސޮއިކުރެވި ފީސިބިލިޓީ ދިރާސާތަކާއި ފަންނީ އަދި ތިމާވެށީގެ އެސެސްމެންޓްތައް ކުރިއަށްދާ ކަމަށެވެ.

ފަހުމީ ފާހަގަކުރެއްވި ގޮތުގައި، މި ޓެކްނޮލޮޖީގެ ސަބަބުން ހަކަތަ ބޭނުންކުރެވޭ މިންވަރު ދަށްވެ، ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލުމަށް ފަސޭހަވެގެންދާނެ އެވެ. އަދި 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނެއް ކަމަށާއި، ޕްރެޝަރު މަތިވުމުގެ ސަބަބުން ހިންގުމުގެ ހަރަދު ވެސް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބިމުގެ ދަތިކަން ބޮޑު ރާއްޖެ ފަދަ ގައުމަކަށް މިއީ ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ތިލަމާލެ ބްރިޖާއެކު މާލެއިން ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމުގެ ހޮޅި ނެޓްވޯކެއް ގާއިމުކުރުމުގެ މަޝްވަރާތައް ސަރުކާރާއެކު ކުރިއަށްދާ ކަމަށާއި، ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން އެ މަޝްރޫއު ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.