ގދ. ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމުގައިވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިރޭ އިރާކޮޅު ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ.
ދެ ރައީސުން ތިނަދޫއަށް ފައިބާވަޑައިގަތުމުން، އެ ސިޓީގެ ރައްޔިތުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. މި ދުވަހާ ގުޅުވައިގެން ބާއްވާ ޚާއްޞަ ޖަލްސާގައި ދެ ބޭފުޅުންވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ދެކުނުގެ އަތޮޅުތަކުން އުފެއްދި "ސުވަދީބު ސަރުކާރު"ގެ ހަރަކާތްތައް ހުއްޓުވުމަށް، އޭރުގެ ރައީސް އިބްރާހީމް ނާޞިރުގެ އަމުރަށް 4 ފެބްރުއަރީ 1962 ގައި ތިނަދޫން މީހުން ބާލައި ރަށް ފަޅުކޮށްލުމަށްފަހު، އަލުން މީހުން އާބާދުވާން ފެށީ 22 އޮގަސްޓު 1966 ގައެވެ. އާބާދީވުމުގެ 50 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައިވެސް، އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ތިނަދޫއަށް ވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ