މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 300,469 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޖުމްލަ 1,379,151 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި އައި 1,435,661 ފަތުރުވެރިންނާ އަޅާބަލާއިރު %3.9 ދަށް އަދަދެކެވެ. މީގެ ތެރެއިން 992,462 ފަތުރުވެރިން ރިސޯޓުތަކުގައި، 31,723 ފަތުރުވެރިން ހޮޓާތަކުގައި އަދި 25,207 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށްވާއިރު، އެ ޤައުމުން 250,437 ފަތުރުވެރިން، ރަޝިޔާއިން 198,748 ފަތުރުވެރިން އަދި އިނގިރޭސިވިލާތުން 105,785 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ގެސްޓްހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގެ 116 ރަށެއްގައި ގެސްޓްހައުސްތައް ދަނީ ހިންގަމުންނެވެ. މި ގެސްޓްހައުސްތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް 17,188 އެނދު ވަނީ ނެރެފައެވެ.
ކޮމެންޓު ފޮނުވާ