ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތައާރަފުކުރިނަމަވެސް، މައްސަލަތަކުގައި ގޮތް ނިންމާނީ ޕްރޮސެކިއުޓަރުންނާއި ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ޕީޖީ އައްބާސް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ 12 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ދެ އަހަރު ދުވަހަށް ކުރިއަށްގެންދާ "ޕީޖީއޯ 2.0″ މަޝްރޫއު ނިމުމުން، ބޮޑެތި މައްސަލަތައްވެސް އެންމެ ގިނަވެގެން 48 ގަޑިއިރު ތެރޭ ކޯޓަށް ފޮނުވޭނެ ކަމަށެވެ. އަދި ނިންމުންތައް ނިންމާއިރު، 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހުރި ހުރިހާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ފުރިހަމަ މައުލޫމާތު ޕްރޮސެކިއުޓަރުންނަށް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އޭއައި އިން ކޮންމެ ޑިޒިޝަނެއް ނަގަން ބުނެދިނަސް ނުވަތަ ކޮންމެ މައުލޫމާތެއް ދިނަސް، ޑިޒިޝަން ނަގާނީ އިންސާނެއް. އިންސާނެއްގެ ސިކުނޑިން ވިސްނާފައި،" އައްބާސް ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އޭއައި ކުރާ ހުރިހާ ކަމެއް އިންސާނުންނަށް ބަދަލުކުރެވޭނެ އަދި އެއިން އެއްވެސް ނިންމުމަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ.
މީގެ އިތުރުން، މި ބަދަލާއެކު 24 ގަޑިއިރު ކުރާ މަސައްކަތް 8 ގަޑިއިރު ތެރޭ ނިންމޭނެކަމަށާއި، މުވައްޒަފުންނަށް ހަފުތާ ބަންދު ދުވަސްތަކުގައި އާއިލާއާއެކު ވަގުތު ހޭދަކުރެވޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. މަޝްރޫއު ނިމުމުން، ޕީޖީ އޮފީހުގެ ކައުންޓަރު ހިދުމަތްތައް މުޅިން އޮންލައިންވެ، އީ-ދޮރޯށްޓާއި އީފާސް މެދުވެރިކޮށް 24 ގަޑިއިރު ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ