ރަޝިޔާއިން ރާއްޖެއަށް ދަތުރުތައް އިތުރުކުރަން އެއްބަސްވެއްޖެ

ރަޝިޔާއިން ރާއްޖެއަށް ދަތުރުތައް އިތުރުކުރަން އެއްބަސްވެއްޖެ

Author
އަހުމަދު
19 އޮގަސްޓް 2026 03:46
0

ރަޝިޔާގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ފްލައިޓުތަކުގެ އަދަދު އިތުރުކުރުމުގެ މަޝްވަރާތައް، އެ ގައުމުގެ އެއާ ޓްރާންސްޕޯޓް ސްޓޭޓް ސެކްރެޓަރީ ޑްމީޓްރީ ޒޭރެވްއާއެކު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާގެ އިސް ވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އާދިއްތަ ދުވަހު އަމީން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި އެމްއޭސީއެލްގެ އިތުރުން މޯލްޑިވިއަންގެ އިސްވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަތެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ރަޝިޔާ ހިމެނޭއިރު، ހަމައެކަނި މިދިޔަ ޖުލައި މަހު 30،000 އަށްވުރެ ގިނަ ފަތުރުވެރިން އެ ގައުމުން ރާއްޖެ ޒިޔާރަތްކުރިއެވެ. މިއަހަރުގެ މިހާތަނަށް ރަޝިޔާއިން 198،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، މިއީ މި މުއްދަތުގައި ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.