މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 1.62 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭޕްރީލުން ޖޫން މަހުގެ ނިޔަލަށް، ބައިނަލްއަގުވާމީ ފްލައިޓުތަކުގައި 1.04 މިލިއަން ފަސިންޖަރުން، ސީޕްލޭން މެދުވެރިކޮށް 341،792 ފަސިންޖަރުން، އަދި އެތެރޭގެ އުދުހުންތަކުގައި 242،104 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. ފްލައިޓު މޫވްމަންޓަށް ބަލާއިރު، ޖުމްލަ 48،966 ފްލައިޓު ވަނީ ޖައްސައި ފުރާފައެވެ. މީގެ ތެރެއިން ސީޕްލޭންގެ 36،295 ދަތުރު، ބައިނަލްއަގުވާމީ 6،714 ދަތުރު އަދި އެތެރޭގެ 5،957 ދަތުރު ހިމެނެއެވެ.
މި ކުއާޓަރުގައި އެންމެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައިވަނީ އޭޕްރީލް މަހުގައި ކަމަށާއި، 5 އޭޕްރީލް 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 18،924 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި 12 އޭޕްރީލްގައި ސީޕްލޭން ނެޓްވޯކުން ވަނީ އެއް ދުވަހެއްގެ ތެރޭގައި 5،707 ފަސިންޖަރުންނަށް ޚިދުމަތްދީ، އައު ރެކޯޑެއް ގާއިމުކޮށްފައެވެ.
ފަސިންޖަރުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ، މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވި، 78،000 އަކަމީޓަރުގެ ޖާގައިގެ އައު ޕަސިންޖާ ޓާމިނަލްގެ ސަބަބުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދިނުމުގެ ގާބިލުކަން ލިބިފައިވާ ތަނެކެވެ. ބާކީ ހުރި އެއާލައިންތަކުގެ އޮޕަރޭޝަންތައް އައު ޓާމިނަލަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ