މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި، އެފަދަ މުއާމަލާތްތައް އިޝްތިހާރު ކުރުން ކުށަކަށް ހަދައި، ބޮޑެތި ޖޫރިމަނާތަކެއް ކަނޑައެޅުމަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މި މަހުގެ 12 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި މި ބިލުގެ މައިގަނޑު ބޭނުމަކީ، "ކެޓެގަރީ އޭ" ރިސޯޓުތަކުން ޓޫރިސްޓަކަށް 500 ޑޮލަރުގެ މަގުން މާރު ކުރުމަށް ކުރިން ދީފައިވާ އިހުތިޔާރު އުވާލައި، ރިސޯޓުތަކުގެ ޑޮލަރު އާމްދަނީގެ 20 ޕަސެންޓް ރުފިޔާއަށް މާރު ކުރަން މަޖުބޫރު ކުރުވުމެވެ.
އިއްޔެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމުން، މިއަދުގެ ބައްދަލުވުމުގައި އިތުރު މާއްދާތަކެއް ވަނީ ހިމަނައިފައެވެ. އެގޮތުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓް ނުވަތަ ބޭންޑަށްވުރެ މަތީ އަގެއްގައި ބޭރު ފައިސާ ވިއްކުމަކީ، ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުގައި 25،000 ރުފިޔާ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅައިފައެވެ.
ހަމައެއާއެކު، ރަސްމީ ރޭޓަށްވުރެ މަތިން ޑޮލަރު ވިއްކުމުގެ ވިޔަފާރި ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެނޫން ގޮތަކުންވެސް އިޝްތިހާރު ކުރުމާއި، ޕްރޮމޯޓް ކުރުމާއި، އެ މައުލޫމާތު ފެތުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށަށް 25،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅައިފައެވެ.
ބިލުގައި ކަނޑައަޅާފައިވާ ގޮތުން، ކުށް ކުރި ފަރާތަކީ ގާނޫނީ ޝަހުސެއް ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިއަކަށް ވާ ނަމަ، 100،000 ރުފިޔާ އާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން، އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާވެސް ކުރެވިދާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ