ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓުއަ އޮޕަރޭޓަރުންގެ އަތުން މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) ނަގަން ފެށި ނަމަވެސް، އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މީރާގެ ޗެއާޕާސަން އަހުމަދު ސާއިދު މުސްތޮފާ ވިދާޅުވެއްޖެ އެވެ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުމުގެ ގޮތުން، ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓުއަ އޮޕަރޭޓަރުން އަދި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ސަރުކާރުން ވަނީ ޖީއެސްޓީ ގާނޫނަށް އިސްލާހު ހުށަހަޅައި، އަންނަ މަހުން ފެށިގެން އެ އިސްލާހު ތަންފީޒު ކުރަން ނިންމައިފަ އެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ، މީގެ ކުރިން ވެސް ފަތުރުވެރިކަމާ ގުޅުން ހުރި ޓެކްސްތައް ބޮޑުކުރި ނަމަވެސް، އެކަމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައި ނުވާ ކަމަށެވެ. އަދި މި ޓެކުހުގެ ސަބަބުން ފަތުރުވެރިޔާ ކުރަންޖެހޭ ހޭދަ ބޮޑުވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަން ކުޑަވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފާއިތުވި ކުރު ތާރީހަށް ބަލާއިރު ވެސް ޓޫރިޒަމާ ގުޅޭ ޓެކްސްތަކަށް ބޮޑު ބަދަލުތަކެއް އައިސްފައި އެބަހުރި. އަހަރުން އަހަރަށް ޓޫރިޒަމް ކުރިއަރާ މިންވަރު މިދަނީ އިތުރުވަމުން،" ސާއިދު ވިދާޅުވި އެވެ.
މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މި ޓެކްސް ނަގަން ފެށުމުން ދައުލަތަށް އަހަރަކު 1.6 ބިލިއަން ރުފިޔާގެ އިތުރު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓު ފޮނުވާ