ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ މައުލޫމާތު އެމްއެމްއޭ އިން މަޖިލީހަށް

ބޭރު ފައިސާގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ މައުލޫމާތު އެމްއެމްއޭ އިން މަޖިލީހަށް

Author
އަހުމަދު
17 އޮގަސްޓް 2026 09:28
0

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވައިފި އެވެ.

އެ ބައްދަލުވުމުގައި ގަވަރުނަރު ވަނީ އިގްތިސާދީ ކޮމިޓީއަށްވެސް ބޭރު ފައިސާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތަފްސީލު އަރުވާފައެވެ. މި އިސްލާހުގެ ދަށުން ކުރިން ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ލާޒިމުކޮށްފައި އޮތް އުސޫލު ވަނީ އުވާލައި، އޭގެ ބަދަލުގައި ބޭރު ފައިސާއިން ލިބޭ ޖުމްލަ އާމްދަނީގެ %20 މާރުކުރާ ގޮތަށް ހަމަޖައްސާފައެވެ. މިއީ ޓޫރިޒަމް ދާއިރާއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ޑޮލަރުގެ މިންވަރު ހަމައެއްގައި ހިފެހެއްޓުމަށް ގެނައި ބަދަލެއް ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

އަދި ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ނަމަވެސް ބޭރު ފައިސާއިން ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމުވާ އަހަރީ އާމްދަނީގެ މިންވަރު 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ ސަބަބުން ދެ މިންވަރުގެ ދޭތެރޭގައި އާމްދަނީ ލިބޭ ގިނަ ދިވެހި ކުންފުނިތަކާއި ކޮންޓްރެކްޓަރުން މި ޝަރުތުން އިސްތިސްނާވެގެންދާނެ އެވެ. ގެސްޓްހައުސްތަކުން މާރުކުރުމުގެ އުސޫލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ މައުލޫމާތުވެސް ގަވަރުނަރު ވަނީ މާލިއްޔަތު ކޮމިޓީއާ ހިއްސާ ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުން ކޮމިޓީން ވަނީ ސިއްރުކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުވެސް އެމްއެމްއޭ އިން އިސްނަގައިގެން އިގްތިސާދީ ހާލަތާ ބެހޭ މައުލޫމާތު މަޖިލީހާ ވަނީ ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.