ވިލިމާލޭގެ ޑިންގީ ޖެޓީއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 60 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ވިލިމާލޭގެ ޑިންގީ ޖެޓީއާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 60 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Author
އަހުމަދު
16 އޮގަސްޓް 2026 09:21
0

ވިލިމާލޭގެ ޑިންގީ ޖެޓީ ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ދައުލަތުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައީދެވެ.

150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 14.91 މިލިއަން ރުފިޔާއަށް ހަވާލުކުރި ޑިންގީ ޖެޓީގެ މަޝްރޫއުގެ ދަށުން 3,698 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކޮށް، ތިން މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 74 މީޓަރުގެ އެއްގަމުތޮށްޓަކާއި 24 މީޓަރުގެ ބޭރުތޮށްޓެއް ލައި، 74 މީޓަރު ދިގު ބްރިޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 180 ދުވަހުގެ ތެރޭގައި ނިންމުމަށް 45.66 މިލިއަން ރުފިޔާއަށް ހަވާލުކުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 1.09 ހެކްޓަރުގެ ބިން ހިއްކައި، 150 މީޓަރުގެ ރިވެޓްމެންޓް ޖަހައި، 181 މީޓަރުގެ ބޭރު ތޮށިލާނެއެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުތައް ނިމުމުން ވިލިމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ހައްލެއް ލިބުމުގެ އިތުރުން، ރަށްގިރުމުގެ ނުރައްކަލުން ސަލާމަތްވެ، ހިމާޔަތްކުރެވިފައިވާ ގޮނޑުދޮށެއް ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.