ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށާއި، ހެދޭ ޤާނޫނުތަކާއި ގަވާއިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަމަށެވެ. އެކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރު ކުރެއްވުމަށް ޤަޞްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން، އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ޕޯޗުގީޒުންގެ އަތްދަށުގައި އެތައް އަހަރަކު ރާއްޖެ އޮންނަން ޖެހުނު ކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މިއަދު ޤަޞްދުކުރަނީ މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެފަދަ ނިޒާމެއް ޤާއިމުކުރުމަށް މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޤައުމީ ދުވަހުގައި ކަނޑައަޅަންވީ އެންމެ މުހިންމު ޢަޒުމަކީ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމާއި، އެކަކު އަނެކަކަށް ޤަދަރުކޮށް، އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުން ކަމަށެވެ.
ކޮމެންޓު ފޮނުވާ