ތިލަމާލެ ބްރިޖުގެ މަޝްރޫޢުއަކީ މި ސަރުކާރުން ޞުމަކުން ފަށައިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށާއި، މާ ގިނަ ދުވަހެއް ނުވެ އެ މަޝްރޫޢު ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބްރިޖުގެ މަޝްރޫޢު ފެށިފައި އޮތް ނަމަވެސް، ކުރީ ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ. މާލެއާއި ވިލިމާލެއާ ދެމެދު ވެސް އެއްވެސް ޢަމަލީ މަސައްކަތެއް ފެށިފައި ނެތް ޙާލަތެއްގައި މި ސަރުކާރާ މަޝްރޫޢު ޙަވާލުވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢު މިހާރު ކުރިއަށްދާ ދުވެލީގައި ކުރިއަށްދާ ނަމަ، ލަސްތަކެއް ނުވެ ނިންމާލެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މި މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށްދަނީ އިންޑިޔާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، ވިލިމާލެއާއި ގުޅީފަޅު ގުޅާލުމުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް ނިމިގެންދާ އަހަރަކަށް އަންނަ އަހަރު ވެގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ކޮމެންޓު ފޮނުވާ