2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން، އެ ޕާޓީގެ ރައީސް އަބްދު ﷲ ޝާހިދު މިރޭ ރަސްމީކޮށް އިއުލާން ކުރައްވައިފި އެވެ.
މިރޭ އައްޑޫގައި ބޭއްވި ޖަލްސާއެއްގައި މިކަން އިއުލާން ކުރެއްވުމުގެ ކުރިން، ޝާހިދު ވަނީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުންވެސް އިސްތިއުފާ ދެއްވާފަ އެވެ. ޝާހިދު ވިދާޅުވީ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނަވައިގެން، އެތެރޭގެ އިންތިޚާބެއްގައި ވާދަކުރެއްވުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ރިޔާސީ ޕްރައިމެރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވަމުން ޝާހިދު ވިދާޅުވީ، އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ކަމަށާއި، ކޮށްދެއްވާނީ ސާދާ ވެރިކަމެއް ކަމަށެވެ. އަދި އޭނާ އިސްކުރައްވާނީ ގައުމުގެ ލާބަޔާއި މަސްލަހަތު ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދުގެ އިތުރުން، އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްވެސް ޕްރައިމެރީގައި ވާދަކުރައްވަން ނިންމަވާފައި ވީނަމަވެސް، އެކަން އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ