ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި މިއަދު ހެނދުނު 6:00 ގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޖުމްހޫރީ މައިދާނަށް ރައީސްގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދުއެވެ.
ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވެސް ކުރެވުނު މި ރަސްމިއްޔާތު ނިންމާލީ ގައުމީ ދިފާއީ ބާރުގެ ބޭންޑްޕާޓީން ހުށަހަޅައިދިން ގައުމީ ސަލާމުންނެވެ.
ރާއްޖޭގައި ގައުމީ ދުވަސް ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ