ފިތުނަ އުފައްދާ ބަޔަކަށް ނުވެ، ގައުމުގެ ސިޔާދަތު ދިފާއުކުރަން ރައީސް ގޮވާލައްވައިފި

ފިތުނަ އުފައްދާ ބަޔަކަށް ނުވެ، ގައުމުގެ ސިޔާދަތު ދިފާއުކުރަން ރައީސް ގޮވާލައްވައިފި

Author
އަހުމަދު
14 އޮގަސްޓް 2026 11:13
0

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ފިތުނަފަސާދަ އުފައްދައި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ގެންނަ ބަޔަކަށް ނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ގައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު ހަނދާންތައް ދަތުރުކުރަނީ 467 އަހަރު ކުރީގެ މާޒީއަށް ކަމަށާއި، ކަނޑުގެބާޒުގެ ނަމުން މަޝްހޫރުވި ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ރާއްޖެ މިންޖުކޮށްދެއްވި ބަތަލުންގެ ޖިހާދުގެ ހަނދާން މިއަދު އާވާ ކަމަށެވެ.

"ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ކޮންމެ ފަހަރަކު ރާއްޖެ ދިޔައީ ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތުން. އެ ތަޖުރިބާ އަލުން އިޔާދަވާން ޖާގަދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ރައްޔިތުންނަށް ނިކަމެތިކަން ގެންނަ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށްވުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ. އަދި ކޮންމެ ދިވެއްސެއްގެ ހިތުގައި ވެސް "ގައުމު އިސްކުރުމުގެ" ޝިއާރު ނަގަހައްޓައި، ދިވެހި ގައުމިއްޔަތުގެ ވިންދު ހިފެހެއްޓުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

ގައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި އިރު، ރައީސްގެ ދެކަނބަލުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ހއ. އުތީމުގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.