މި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކުރި މުހައްމަދު ރާގިބު އަހުމަދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމަށް ކުރިން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ސިވިލް ކޯޓަށް ތިން ގާޒީއަކު އައްޔަން ކުރުމަށް މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 42 ބޭފުޅަކު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގައި ރާގިބު ވެސް ހިމަނައި، މިއަދު ތިން ބޭފުޅުން ހުވާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި، ރާގިބާ ގުޅޭ ކުރީގެ ސުލޫކީ މައްސަލަތަކުގެ ލިޔެކިޔުންތައް އަލުން ދިރާސާ ކުރުމަށް ފަހު، އޭނާ އައްޔަން ނުކުރުމަށް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން މިއަދުގެގެ ރަސްމިއްޔާތުގައި ހުވާކުރައްވާނީ ދެ ބޭފުޅުން އެކަނި ކަމަށާއި، ތިންވަނަ ގާޒީ އައްޔަން ކުރުމުގެ މަސައްކަތް ފަހުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގައި ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް 2019 ވަނަ އަހަރު ރާގިބު މަގާމުން ވަކިކުރީ އޭނާގެ މައްޗަށް އަށް މައްސަލައެއް ސާބިތުވުމުންނެވެ. އޭގެ ތެރޭގައި ކޯޓުގެ ދެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ސީރިއަސް ތުހުމަތުތަކާއި، ޝަރުއީ ލިޔެކިޔުމަށް ބަދަލު ގެނައުމާއި، ކައިވެނީގެ މައްސަލައެއްގައި އަންހެން ކުއްޖެއްގެ ނުރުހުމުގައި ކައިވެނި ކުރުވުމަށް މަގާމުގެ ނުފޫޒު ބޭނުންކުރި މައްސަލަ ވެސް ހިމެނެ އެވެ. މީގެ އިތުރުން ބިދޭސީ އަންހެނަކު ތުލުސްދޫ އަށް ގެންގޮސް ފަނޑިޔާރުންގެ އަދަބާ ހިލާފު އަމަލުތައް ހިންގުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ މައްސަލަ ވެސް އޭރު ސާބިތުވި އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ވަކީލެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވެފައިވާ ރާގިބު، މި ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުން ވަކިކުރީ ގދ. ތިނަދޫ އަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ ދައުލަތާ ދެކޮޅަށް މައްސަލައެއް ހުށަހެޅުމުން، 25 ނޮވެމްބަރު 2024 ގަ އެވެ.
ކޮމެންޓު ފޮނުވާ