މާލޭގައި ރޭގަނޑުގެ ކާރޫބާރޫ ބޮޑު ގަޑިތަކުގައި މަޖީދީ މަގުގައި މުޒާހަރާ ބޭއްވުމުގެ ހުއްދައެއް ނުދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގާނޫނުއަސާސީން ލިބިދޭ ހައްގުތައް އެންމެ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ދިނުމުގެ ވިސްނުން ސަރުކާރުގައި އެބައޮތް ކަމަށެވެ. ނަމަވެސް އެ ހައްގުތައް ދޭ އިރު އެހެނިހެން ކަންކަމަށް ވެސް ރިއާޔަތްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖީދީ މަގަކީ މާލޭގައި އޮތް އެންމެ ކާރޫބާރޫ ބޮޑު މަގުކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ސިޔާސީ ހަރަކާތެއް ހިންގުމަށްޓަކައި އެ މަގު ބްލޮކްކުރުމުގެ ހުއްދަ ދޭ އިރު، އެ ހަރަކާތެއް ބޭއްވޭ ގަޑިއަށް ވެސް ބަލަން ޖެހޭ ކަމަށެވެ.
އެގޮތުން، އެމްޑީޕީން މިހާރު ބޮޑު އެއްވުމެއް ބާއްވަން ހުއްދައަށް އެދިފައިވަނީ ރޭގަނޑު ކާރޫބާރޫ ބޮޑު ގަޑިއަކަށް ވާތީ، އެ ގަޑީގައި އެއްވުން ބޭއްވުމުގެ ހުއްދަ ނުދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެއްވުންތައް ބޭއްވުމަށް މާލޭގައި އެހެން ބޮޑެތި ޖާގަތައް ވެސް ހުރި ކަން ފާހަގަކުރައްވައި، އެ ތަންތަން ބޭނުންކުރެއްވުމަށް ސިޔާސީ ފަރާތްތަކަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ