ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ކޮލަމްބިއާއަށް 7.3 މެގްނިޓިއުޑް ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމުގައި 26 މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ވެސް ހިމެނޭ ކަމަށް "ބީބީސީ" އިން ރިޕޯޓުކުރެއެވެ.
އެގައުމުގެ ވެރިރަށް ބޮގޮޓާއާއި 250 މޭލު ދުރުގައި އޮންނަ ސަން ޖޯސޭ ޑެލް ޕަލްމާއަށް އައި މި ބިންހެލުމުގެ ޒަލްޒަލާ އައިސްފައިވަނީ ބިމުގެ 73 ކިލޯމީޓަރު އަޑިންނެވެ. ނަމަވެސް ބިންހެލުމުގެ ބާރުގަދަކަމުން ބިންގަނޑު ކަނޑައިގެންގޮސް، ބޮޑެތި އިމާރާތްތައް ބިމާ ހަމަވެ، ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަރުވި 3 ކުޑަކުދިންނަށް އަނިޔާވެފައިވަނީ ކަލިމާ އެލް ޑަރިއެންގައި ފާރެއް ވެއްޓިގެންނެވެ.
ބިންހެލުމުގެ އަސަރު މުޅި ކޮލަމްބިއާއަށް ފޯރާފައިވާއިރު، އަވަށްޓެރި ވެނެޒުއޭލާއަށް ވެސް އޭގެ ލޮޅުންތައް އިހުސާސްކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއަށްފަހު، ފުރަތަމަ ބިންހެލުން އައިތާ ގަޑިއެއްހާ އިރު ފަހުން 5.0 މެގްނިޓިއުޑްގެ ދެވަނަ ބިންހެލުމެއް ވެސް އެގައުމަށް އައިސްފައިވާކަން އެމެރިކާގެ ބިންހެލުންތައް މޮނިޓާކުރާ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ސައިންސްވެރިން ބުނާގޮތުގައި، ކޮލަމްބިއާއަށް މިއަދު އައި މި ބިންހެލުމަކީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް އެގައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ސަލާމަތީ ޚިދުމަތްތެރިން މިހާރު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ